މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،566 މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރޭގައި 6،095 އަންހެނުންނާއި 8،471 ފިރިހެނުން ހިމެނެއެވެ. އަދި ދަފްތަރުގައި ހިމެނޭ 8 ގިންތީގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ.
މި ގިންތީގައި 4،147 މީހުން ރަޖިސްޓްރީވެފައިވާއިރު، އޭގެ ތެރޭގައި 1،831 އަންހެނުންނާއި 2،316 ފިރިހެނުން ހިމެނެއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ 3،273 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 1،889 މީހުންނާއި، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 1،854 މީހުން ވެސް ދަފްތަރުގައި ހިމެނެއެވެ.
އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،756 މީހުންނާއި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،006 މީހުން ދަފްތަރުގައި ރަޖިސްޓްރީވެފައިވެއެވެ. އަދި އޯޓިޒަމް ހުންނަ 585 މީހުންނާއި، އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 56 މީހުން ވެސް ދަފްތަރުގައި ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ”ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު“ އެކުލަވާލައި، އެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
2011 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެލަވަންސެއް ދޭން ފަށާފައިވާއިރު، 2023 ވަނަ އަހަރު މި އެލަވަންސް ވަނީ 3،000 ރުފިޔާއަށް ބޮޑުކޮށްފައެވެ.




