އިޒްރޭލުގެ ޢަމަލުތައް ކުށްވެރިކޮށް މިއަދު މާލޭގައި ބޭއްވި ބޮޑު އެއްވުމުން ޣައްޒާއަށް އޮތް ލޯބި ސާބިތުވެގެން ހިނގައްޖެއެވެ.
”ގައުމީ ބޮޑު ހަރަކާތް“ ގެ ނަމުގައި އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު މާފަންނު ސްޓޭޑިއަމްގައެވެ.
މި އެއްވުމަކީ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން އިސްނަގައިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ޖަމްއިއްޔާތަކާއި އާންމު ފަރާތްތަތައް ބައިވެރިވެގެން ބޭއްވި އެއްވުމެކެވެ.
މި އެއްވުމުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ސަރުކާރުގެ މިނިސްޓަރުން ބައިވެރިވެ ވަނީ އިޒްރޭލާއި ދެކޮޅަށް އަޑުއުފުލައި ފަލަސްޠީނުގެ ޖަރީމާތަައް ހުއްޓާލުމަށް ގޮވާލާފައެވެ.
މިއީ ފަލަސްޠީނުގެ ހައްޤުގައި މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް ހަރަކާތް ކަމަށް އެކަން އިންތިޒާމު ކުރި ފަރާތުން މަޢުލޫމާތުދީފައި ވެއެވެ.
މި އެއްވުމުގައި މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން 50 ކައުންސިލަކުން ވަނީ އެ ހަރަކާތުގައި ބައިވެރިވެފައެވެ.
މިއީ ވޭތުވެދިޔަ 18 އަހަރު ޣައްޒާ ހިޞޯރުކޮށްގެން ބޭއްވުމާ ދެކޮޅަށް އަޑުއުފުލުމަށް ކުރިއަށްގެންދާ ގްލޯބަލް ސުމޫދު ފްލޯޓިލާގެ ބައެއްގެ ގޮތުގައި ބޭއްވި ހަރަކާތެކެވެ.
ގްލޯބަލް ސުމޫދު ފްލޯޓިލާގައި ދުނިޔޭގެ 44 ޤައުމަކުން ބައިވެރިވާއިރު މިއަދު އެކަނިވެސް އެއްފަހަރާ 5 ޤައުމެއްގައި އެއްވުންތައް ވަނީ ބާއްވާފައެވެ. އެއްވުންތައް ބޭއްވި ޤައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، ސްރީލަންކާ، ޕާކިސްތާން، ފިލިޕީންސް އަދި ދިވެހިރާއްޖެ ހިމެނެއެވެ.
މި އެއްވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދު ވަނީ މިއީ ފަލަސްތީނަށްޓަކައި ބޭއްވި އެއްވުމެއް ކަން ހާމަކޮށް ބޯޑަރުތައް ހުޅުވާލަން ގޮވާލާ އިޒްރޭލުން ޣައްޒާއާ މެދު ހިންގަމުން އަންނަ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލަން ގޮވާލާފައެވެ.
ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް ރާއްޖެއިން އަންނަނީ އަބަދުވެސް ފަލަސްޠީނުގެ ޙައްގުގައި ވަކާލާތުކޮށް އަދުލުއިންސާފަށް ގޮވާލަމުންނެވެ. އަދި ރާއްޖެއިން ފަލަސްތީނުގެ މައްސަލައިގައި އަބަދުވެސް ގެންގުޅޭ ސްޓޭންޑަށް ގިނަ ޤައުމުތަކުން އަންނަނީ ވަރަށް ބޮޑަށް ތަޢުރީފް ކުރަމުންނެވެ.




