އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޒަރީއާއިން ތައާރަފްކޮށްފައިވާ، އަދި މިހާރު ގިނަ ބަޔަކު ބޭނުންކުރާ ”ޗެޓްޖީޕީޓީ“ ގެ ސަބަބުން ސްޕެއިންގެ އިންފްލުއެންސަރަކަށް އޭނާގެ ހަނދާނުން ނުފިލާނެވަރުގެ ލަނޑެއް ލިބިއްްޖެއެވެ.
މެރީ ކެލްޑޭސް ނަމަކަށް ކިޔާ އެ އިންފްލުއެންސަރު މިމަހުގެ 13 ވަނަ ދުވަހު ޓިކްޓޮކްގައި ޕޯސްޓުކުރި ވީޑިއޯއެއްގައި ފެންނަނީ، އެއާޕޯޓުގައި ހުރެ އޭނާ ރޯ މަންޒަރެވެ. އޭނާ ބުނީ އެއީ ޗެޓްޖީޕީޓީގެ ސަބަބުންވީ ކަމެއް ކަމަށެވެ.
ކަން ހިނގައިދިޔަ ގޮތް އިތުރަށް ކިޔައިދެމުން މެރީ ބުނީ، އޭނާގެ ލޯބިވެރިޔާއާއެކީ ޕުއޮޓޯ ރިކޯއަށް ފުރުމުގެ ކުރިން، ބޭނުންވާނީ ކޮން ލިޔެކިޔުމެއްތޯއާއި ނަސޭހަތް ދިނުމަށް ޗެޓްޖީޕީޓީއާ ސުވާލު ކުރި ކަމަށެވެ.
ނަމަވެސް ޗެޓްޖީޕީޓީން ބުނީ ޔޫރަޕްގެ ޤައުމެއްގެ މީހެއްނަމަ، ޕުއޮޓޯ ރިކޯއަށް ދާން ވިސާ ބޭނުން ނުވާނެ ކަމަށް މެރީ ބުންޏެވެ.
އެހެންކަމުން ވިސާ ހަމަނުޖައްސާ، މެރީ އާއި އޭނާގެ ލޯބިވެރިޔާ ފުރަން ދިޔަ ކަމަށާއި ނަމަވެސް ފުރޭގޮތް ނުވިކަމަށް އޭނާ ބުންޏެވެ.
މެރީ ބުނީ މިއީ ބައެއްފަހަރު އޭނާ މަޖަލަކަށް ޗެޓްޖީޕީޓީއާ ދިމާލަށް އެއްޗެހި ކިޔުމުން ”ހިފާލި ބަދަލެއް“ ކަމަށެވެ.
ޓިކްޓޮކްގައި މެރީ އާންމުކުރި ވީޑިއޯއަށް ކޮމެންޓުކުރި ގިނަ މީހުން ބުނެފައިވަނީ، އެއީ މެރީ އަމިއްލައަށް ކުރި ކަމެއް ކަމަށާއި އެފަދަ މައުލޫމާތުތަކަކީ ސަރުކާރުގެ އިދާރާތަކުގެ ވެބްސައިޓުތަކުން ފަސޭހައިން ހޯދޭނެ ޔަގީން މައުލޫމާތުތަކެއް ކަމަށެވެ.



