މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ޓްރެފިކް ގަވާއިދާ ހިލާފުވެގެން 154 މީހެއްގެ ލައިސަންސް ހިފަހައްޓައިފި އެވެ.
ޓްރެފިކް ޕޮލިހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 32 އެކްސިޑެންޓެއް ހިނގާފައިވާ އިރު، އޭގެ ތެރެއިން ހަތަރު އެކްސިޑެންޓެއްގައި މީހުންނަށް އަނިޔާވެފައިވެ އެވެ.
އަދި ޑްރައިވިން ލައިސެންސް ނެތި ދަތުރުކުރި 42 މީހަކު ހިފަހައްޓާފައިވާއިރު، ނުރައްކާތެރިކޮށް ދުއްވި ދެ މީހަކު ހިފަހައްޓާފައިވެ އެވެ. މީގެ އިތުރުން ވެހިކަލް ނަންބަރު ޕްލޭޓާ ގުޅޭ މައްސަލަތަކުގައި ދެ މީހަކު ހުއްޓުވާފައިވެ އެވެ.
ފުލުހުން ބުނިގޮތުގައި، ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތަކާ ގުޅޭ ގޮތުން މި މަހުގެ މިހާތަނަށް 531 ކޯލް ލިބިފައިވެ އެވެ. އަދި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 169 ސައިކަލާއި ހަތަރު ފުރޮޅުލީ 18 އުޅަނދެއް ޓޯކޮށްފައިވެ އެވެ.
މި މުއްދަތުގައި 611 ވެހިކަލް ޗެކުކޮށްފައިވާއިރު، 266 މީހަކު ގަވާއިދާ ހިލާފުވެފައިވެ އެވެ. އަދި މަގުތައް ބެލެހެއްޓުމުގައި 287 ގަޑިއިރު ފުލުހުން ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން ހެޑްސެޓް ޖަހައިގެން ދަތުރުކުރި 22 މީހަކު ހުއްޓުވާފައިވެ އެވެ.
ހިފެހެއްޓުނު ވެހިކަލްތަކުގެ ތެރެއިން 67 ވެހިކަލެއްގެ އަހަރީ ފީ ނުދައްކާ ހުރިއިރު، 28 ވެހިކަލެއްގެ އިންޝުއަރެންސް ފީ ނުދައްކާ ހުރި ކަމަށް ފުލުހުން ފާހަގަކޮށްފައިވެ އެވެ.
އަދި ޓްރެފިކްގެ ނިޝާންތަކާ 18 ވެހިކަލެއް ހިލާފުވެފައިވާއިރު، ޑްރައިވިން ލައިސަންސާ ގުޅޭ ޖުމްލަ 83 މައްސަލައެއް ފާހަގަކުރެވިފައިވެ އެވެ.




