އދ. މާމިގިލީ ބޯޓުޔާޑްގައި އޮތް ދަނގަޑު ބޯޓެއްގެ ވީލްހައުސްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ، މާލެ އޭރިއާ ކޮމާންޑް، އދ.މާމިގިލި ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު 15:28 ހާއިރު ކަމަށެވެ.
އަދި ހަބަރު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށް 15:30 ހާއިރު އަލިފާން އެއްކޮށް ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެ ބޯޓުގެ ވީލްހައުސް މަތީގައި އިން އެންޓަނާއެއް ގޭސް ކަޓަރަކުން ކަނޑަން އުޅުމުގެތެރޭގައެވެ.
މި ހާދިސާގައި ރޯވި އަލިފާން، އެއްކޮށް ނިއްވާލާފައި ވަނީ މާމިގިލީ އެއާޕޯޓުގެ ފަޔަރ ފައިޓަރުންގެ އެހީތެރިކަމާ އެކުގައި ކަމަށާއި، މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ، ވިޔަފާރިވެރިޔާ ގާސިމްގެ ވިލާ ޝިޕިން ކުންފުންޏަށް ނިސްބަތްވާ ’ވިލު ބުރު‘ ކިޔާ ކާގޯ ބޯޓެއްގައެވެ.
ރޯވިއިރު ބޯޓު އޮތީ މާމިގިއްޔަށް އެހެލާފައެވެ.




