ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫޢުގެ ދަށުން އއ. މާޅޮހުގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައި، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ކަމަށްވާ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 8 އަތޮޅެއްގައި މި ޚިދުމަތް ވަނީ ގާއިމުކޮށް ނިމިފައެވެ.
އއ. އަތޮޅު ހިމެނޭހެން އެ އަތޮޅު ތަކަކީ ހއ. އަތޮޅާއި، ށ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ކ. އަދި ބ. އަތޮޅެވެ.
އ.އ މާޅޮހުގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު އުތުރުބުރީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާޅޮހަށް ވަޑައިގެންއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ބީއެމްއެލްއިން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް ފަސޭހައިން ބީއެމްއެލްގެ ޚިދުމަތް ހޯދޭނެހެން ބޭންކުގެ ޚިދުމަތް ފުޅާކުރުމަށް ކަމަށެވެ.
މިހާރު ބީއެމްއެލްގެ ވިއުގައިގައި 20 އަތޮޅުގައި 41 ބްރާންޗް، 144 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 200 އޭޓީއެމް، އޭޖެންޓު ބޭންކިންގ ޚިދުމަތުގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ހިމެނެއެވެ.
މި މަޝްރޫޢުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އިޤްތިޞާދީ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢު މިއަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި، އެ ރަށްތަކަށް އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެ ކަމަށް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.



