ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ޚިދުމަތްތައް ބައިނަލްއަޤްވާމީ ފެންވަރުގައި ފުޅާކޮށް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޗައިނާގެ ވެރިރަށް ބެއިޖިންގައި އެ އެއާލައިންގެ އައު އޮފީހެއް ހުޅުވައިފިއެވެ.
ޗައިނާގައި މޯލްޑިވިއަންގެ އޮފީސް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެ އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ޗެއާމަން އަޙުމަދު ޝަފީޢުއާއި، މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމުގެ އިތުރުން ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބެވެ.
މޯލްޑިވިއަންއިން ބުނިގޮތުގައި، މި އޮފީސް ހުޅުވުމަކީ ޗައިނާގެ މާކެޓުގައި އެއާލައިންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، އެ ޤައުމުގައި ތިބި ވިޔަފާރި ޕާޓްނަރުންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު ބޮޑު ބާރެކެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ލިބިގަތުމަށް މަގުފަހިވެގެންދާނެއެވެ.
މީގެ އިތުރުން، މި އޮފީހުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް ބަދަހިވެ، ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
އަދި ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރާ ފަސިންޖަރުންނަށް ލިބޭ ލުއިފަސޭހަތައް އިތުރުވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްވެސް މިކަމުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ އޭ330-200 މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެން އެ އެއާލައިނުން މިހާރުވެސް ދަނީ ޗައިނާގެ މަންޒިލްތަކަށް ދަތުރުތައް ބާއްވަމުންނެވެ.
އެގޮތުން ޗައިނާގެ ޖެނެރަލް ސޭލްސް އެޖެންޓެއްގެ ގޮތުގައި މޯލްޑިވިއަންއިން ހަމަޖައްސާފައިވަނީ މެގަކެޕް އެވިއޭޝަން ސާވިސަސް ލިމިޓެޑެވެ.



