ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވަން ހަމަޖެހިފައިވާ ހަރަކާތްތަކަށް ހާއްސަ ލޯގޯއެއް ފަރުމާކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ލޯގޯ މުބާރާތެއް ހުޅުވާލައިފިއެވެ.
އެފްއޭއެމުން މިއަދު ނެރުނު އިއުލާނުގައި ބުނީ، މި މުބާރާތުގައި ހޮވޭ އެންމެ މޮޅު ލޯގޯއަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
މުބާރާތަށް ހުށަހެޅޭ ލޯގޯތައް ޖަޖް ކުރާނީ އެފްއޭއެމުން އެކުލަވާލާ ހާއްސަ ޖަޖުންގެ ޕެނަލަކުންނެވެ.
މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ލޯގޯ ފަރުމާކުރުމުގައި ގެންގުޅެންޖެހޭ ވަކި މިންގަނޑުތަކެއް އެފްއޭއެމުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ލޯގޯގައި ރަތް، ނޫ، ރީނދޫ އަދި ފެހި ކުލަ ހިމަނަންޖެހޭނެ ކަމަށާއި، ދިވެހި ފުޓްބޯޅައިގެ މާޒީ ރަމްޒުކޮށްދޭ ފަދަ އަމިއްލަވަންތަ ލޯގޯއަކަށް ވާންޖެހޭނެ ކަމަށް އެފްއޭއެމުން ބުނެފައިވެއެވެ.
އަދި އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒުކޮށްދޭ ފަރުމާއަކަށް ވެގެން ނުވާނެ ކަމަށްވެސް އެފްއޭއެމުން ވަނީ ފާހަގަކޮށްފައެވެ.
މި މުބާރާތަށް ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އެވެ. ހޮވޭ ލޯގޯ ބޭނުންކުރާނީ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ބާއްވާ އެންމެހައި މުބާރާތްތަކާއި ހަރަކާތްތަކުގެ ރަސްމީ ސިއްކައިގެ ގޮތުގައެވެ.
ރާއްޖޭގައި ފުޓްބޯޅައިގެ ފެށުން ކަމުގައި ބެލެވެނީ 1950 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ގައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތާ ހަމައިންނެވެ. އެހިސާބުން ފެށިގެން މިހާތަނަށް ދިވެހި ފުޓްބޯޅަ ވަނީ ގިނަގުނަ ކުރިއެރުންތަކެއް ހޯދާފައެވެ.



