ދިވެހި ހާރިޖިއްޔާގެ ޒުވާން މުވައްޒަފަކު، ޖަޕާނުގައި ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
ނިޔާވާ ފޮރިން މިނިސްޓްރީގެ 29 އަހަރުގެ ޒުވާން މުވައްޒަފެއް ކަމަށްވާ ބ. ތުޅާދޫ، ކާނިމާގެ، ލުޖައިނާ ތަސްނީމާ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ތަސްނީމާގެ ޢާއިލާއަށް އޭނާގެ ހަބަރެއް ނުވެ ދެ ދުވަސް ވުމާ ގުޅިގެން، ޖަޕާނުގައި ދިރިއުޅޭ އޭނާގެ ރަހުމަތްތެރިއަކު ތަސްނީމާ ދިރިއުޅޭ ގެއަށް ބަލަން ފޮނުވިއެވެ. ނަމަވެސް ތަޅާ ދޮރު ނުހުޅުވުމުން، ޖަޕާނު ފުލުހުން ގެނެސްގެން ބެލިއިރު، އޭނާ ފެނުނީ ނިޔާވެފައި އޮއްވައެވެ.
މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން، ތަސްނީމާގެ މަރަކީ ގުދުރަތީ މަރެއްކަން ވަނީ ކަށަވަރުވެފައެވެ.
29 އަހަރުގެ ތަސްނީމާ ނިޔާވިއިރު، އޭނާ ހުރީ ޖަޕާނުގައި މާސްޓަރސް ޕްރޮގްރާމެއް ފުރިހަމަކޮށް ރާއްޖެ އައުމަށް ތައްޔާރުވަމުންނެވެ. އޭނާ ޖަޕާނުގައި ކިޔަވަމުން ދިޔައީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.
ތަސްނީމާ ނިޔާވުމާ ގުޅިގެން، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވަނީ ތައުޒިޔާ ވިދާޅުވެފައެވެ.



