މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި އިތުރު ތިން ޑްރެޖަރ ގެނައުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ހާމަކުރި ގޮތުގައި، މި މަޝްރޫއުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދު ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ. މީގެ ތެރޭގައި ހުޅުމާލެ ފޭސް 3، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ.
މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި، ގެންނަން ހަމަޖެހިފައިވާ އުޅަނދުތަކުގެ ތެރޭގައި 45,000 ޓަނުގެ ދެ ހޮޕަރ ޑްރެޖަރާއި 11,000 ޓަނުގެ އެއް ހޮޕަރ ޑްރެޖަރ ހިމެނޭކަމަށް އެޗްޑީސީން ބުންޏެވެ.
އިއްޔެ އެޗްޑީސީން ވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށް، ބިން ހިއްކަން ފަށައިފަ އެވެ. އެގޮތުން ހިއްކަން ފަށާފައިވަނީ ރަސްމާލެ ސީ އަދި އީ ސައިޓް ކަމަށްވާއިރު، މި ދެ ސަރަހައްދަކީ 265 ހެކްޓަރުގެ ސަރަހައްދެކެވެ. މި މަޝްރޫއަށް ބޭނުންވާ ބޮޑު ޑްރެޖަރެއް މިހާރު ވަނީ ސައިޓަށް މޮބިލައިޒްކުރެވިފަ އެވެ.
ކ. ފުށިދިއްގަރުފަޅުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 129.60 ހެކްޓަރު (12.84%) ވަނީ ހިއްކާ ނިމިފައެވެ.
އޮކްޓޯބަރު މަހު ގެންނަން ނިންމާފައިވާ ޑްރެޖަރތަކާއެކު މާލެ ސަރަހައްދުން ގޯތި ދޫކޮށްފައިވާ ސަރަހައްދުތަކުގެ ބިންތައް ހިއްކުން އަވަސްވެގެންދާނެ ކަމަށާއި، ބިން ހިއްކާ ނިމުމާއެކު ގޯތިތައް ކަނޑާ ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.



