ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ މީހުން ޝަހީދުކޮށްލައިފިއެވެ.
ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގައި 61 މީހަކު ޝަހީދުވެ، 308 މީހުން ވަނީ އެކި ވަރުގެ ޒަހަމްތަކާ ކުރިމަތިލާންޖެހިފައެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި، އެހީ ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި 16 މީހަކު ޝަހީދުވެ، 111 މީހަކު ވަނީ ޒަހަމްވެފައެވެ.
މިއާއެކު، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 62،622 އަށް އަރާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 157،673 އަށް އަރާފައިވެއެވެ.
މިދިޔަ މޭ މަހުގެ ފަހުކޮޅު ޣައްޒާގައި ގާއިމުކުރެވުނު އެމެރިކާއާއި އިސްރާއީލުގެ ނުފޫޒު އޮންނަ ދީއެޗްއެފް ސަރަހައްދުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ 2،076 މީހުން ޝަހީދުކޮށްލައި، 15،308 މީހުން ޒަހަމްކޮށްލާފައެވެ.




