އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި ކުރިން ހައްޔަރުކޮށްފައިވާ މީހަކު، ފިހާރައަކުން ތިން ޗޮކްލެޓް ވަގަށް ނެގި މައްސަލައެއްގައި އަލުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. ބެރުގެ، މުހައްމަދު ނަވީންއެވެ.
އޭނާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހައްޔަރުކޮށްފައިވަނީ އިމިގްރޭޝަން އޮފިސަރުންތަކެއްގެ ގޮތުގައި ދައްކައިގެން އިތުރު ބަޔަކާއެކު ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ، ބަންގްލަދޭޝް މީހެއްގެ އަތުން މޮބައިލް ފޯނަކާއި 9،000 ރުފިޔާ ފޭރުމުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން، ނަވީން ޗޮކްލެޓް ހިފައިގެން ދިޔައީ ފައިސާ ނުދައްކާކަށް ނޫން ކަމަށާއި، ފިހާރައިގެ ބޭރުގައި ހުރި މީހެއްގެ އަތުން ފައިސާ ބަލާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މި މައްސަލައިގައި އޭނާ ވަކީލެއްގެ އެހީތެރިކަން ބޭނުންނުވާ ކަމަށްވެސް ބުނެފައިވެއެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ނަވީންއަކީ ވައްކަމުގެ އެކި މައްސަލަތަކުގައި މީގެ ކުރިންވެސް ހައްޔަރުކޮށް، ބަންދުގެ ރެކޯޑު ގިނަ މީހެކެވެ.
މި މައްސަލައިގައި އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވެއެވެ.



