ފުލުހުންގެ ވަޒީފާގެ ހުވާ ނުކުރާ ކަމަށް ކޯޓުގައި ބުނި ފުލުހުންގެ ސްޕެޝަލް ކޮންސްޓްބްލަރީ މުހައްމަދު ސާޖިދު އަހުމަދު އަލުން ބަންދުކޮށްފިއެވެ.
މި މައްސަލައިގައި އޭނާ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެއިން އިލެކްޓްރޯނިކް ސިގިރޭޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނުމާ ގުޅިގެންނެވެ.
މި މައްސަލައިގައި ފުރަތަމަ ސާޖިދު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް މި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ގޯސްކަމަށް ކަނޑައަޅާފައެވެ.
ހައިކޯޓުގެ ނިންމުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ތިނަދޫ ކޯޓުން ނެރުނު އަމުރުގައި ސާޖިދު 20 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. މި މައްސަލައިގެ އަޑުއެހުމެއްގައި ސާޖިދުގެ ދިފާއީ ވަކީލު އަހުމަދު ޔާމީން ވަނީ އޭނާ ފުލުހުންގެ ހުވާ ނުކުރާ ކަމަށް ބުނެފައެވެ.
ކޮންސްޓެބްލަރީ ހުވާގެ ރަސްމިއްޔާތު އޮތް ތަނަށް ދިޔަ ނަމަވެސް ހުވާ ނުކޮށް އެތާ ހުރި ކަމަށް ސާޖިދު ބުނި ނަމަވެސް ހުވާގެ އިގުރާރުގައި އޭނާ ވަނީ ސޮއިކޮށްފައެވެ.
މި މައްސަލައިގައި ފަނޑިޔާރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި ވަޒީފާގައި އެތައް ދުވަހަކު ހުރެފައި، ހުވާކުރުމުގެ ރަސްމިއްޔާތަށް ގޮސް ހުވާ ނުކުރާކަމަށް ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ.



