ހދ. ފިނޭގައި އަލަށް އިމާރާތް ކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިރޭ އަޅައިފިއެވެ.
މި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފިނޭގައި ބޭއްވުނު ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައުދީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ދުރުވިސްނޭ ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ސިޔާސަތުގެ ދަށުން މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ދަނީ ކުރިއަށެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ޚިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމެވެ.



