ހަތަރުހާސް ފްލެޓް ސަރަހައްދުގައި ހަދަން ހަމަޖެހިފައިވާ ބަސް ސްޓޮޕްތަކުގެ ތެރެއިން ފުރަތަމަ ބަސް ސްޓޮޕްގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފިއެވެ.
އެޗްޑީސީއިން ބުނީ، ”ގެދޮރުވެރިޔާ“ މަޝްރޫޢުގެ ދަށުން އަޅާފައިވާ ހަތަރުހާސް ފްލެޓް ސަރަހައްދުގައި 5 ބަސް ސްޓޮޕް ގާއިމު ކުރާނެ ކަމަށެވެ.
”މި ބަސް ސްޓޮޕަކީ އެފްޑީސީ 4000 ހައުސިންގ އެޕާޓްމަންޓްތަކަށް މީހުން ބަދަލުކުރުމަށް އެހީތެރިވުމުގެ ގޮތުން ތަރައްޤީކުރަމުންދާ 5 ބަސް ސްޓޮޕްތަކުގެ ތެރެއިން ފުރަތަމަ ބަސް ސްޓޮޕް.“ އެޗްޑީސީން ބުނެފައިވެއެވެ.

އެ ސަރަހައްދަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލަކަށް ހެދުމުގެ ގޮތުން، މަގުތައް މަރާމާތުކުރުމާއި ދުވާރު ތަރައްޤީކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. މިގޮތުން މިހާތަނަށް އެއް ބްލޮކްގެ ދުވާރު އެޅުމުގެ މަސައްކަތް ވަނީ ނިންމާލެވިފައެވެ.
ހަތަރުހާސް ފްލެޓްގެ މަޝްރޫޢަކީ ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.
އެޗްޑީސީގެ އަމާޒަކީ ހުޅުމާލެއަކީ ހުރިހާ ރައްޔިތުންނަށް ވެސް ހިތްފަސޭހަ އަދި ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އަދި މި ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން ބޭނުންވާ ހުރިހާ އަސާސީ ޚިދުމަތްތަކެއް ޤާއިމްކުރުމަށް އެޗްޑީސީން އަންނަނީ އިސްކަންދީ މަސައްކަތްކުރަމުންނެވެ.



