ހދ. ނޮޅިވަރަމުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ނޮޅިވަރަމުގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާނެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން އާއި، އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް އަދި ނޮޅިވަރަމު ކައުންސިލްގެ ރައީސްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިންނެވެ. މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.
ސަރުކާރުން ވަނީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށަކަށް ހެދުމުގެ އަމާޒު ހިފާފައެވެ.
މި މަޤްޞަދު ހާސިލުކުރުމަށްޓަކައި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމު ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ހަލުވި ދުވެލީގައި ކުރިއަށެވެ.



