ޚާއްސަ ހާލަތެއް ނެތި ދަރިވަރުން ސްކޫލު ދެން ބަދަލުކުރެވޭނީ ދިރާސީ އަހަރެއްގައި ދެ ފަހަރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަނުން ވަނީ ދަރިވަރުން ވެއްދުމާއި އެއް ސްކޫލްއިން އަނެއް ސްކޫލްއަށް ދަރިވަރުންވެއްދުމުގެ އުސޫލަށް މި ބަދަލުގެނެސް، އެކަން އަންނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައި ހިމަނާފައެވެ.
ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވީ މީގެ ކުރިން ދިރާސީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ސްކޫލު ބަދަލުކުރުމުގެ ފުރުސަތު އޮތްނަމަވެސް މިހާރު އެކަން ބަދަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން އާންމު ޙާލަތުގައި ދަރިވަރުން ސްކޫލްތަކަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި ދިރާސީ އަހަރުގެ 2 ފަހަރެއްގެ މަތިން އެކަން ކުރުމަށް ފުރުސަތު ދިނުމަށް ނިންމާފައިވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ ދިރާސީ އަހަރު ފެށެންވާއިރަށް ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރަން ބޭނުންވާކަމުގައި ވަނީނަމަ އެ ދިރާސީ އަަހަރުގެ ދެވަނަ ޓަރމު ނިމުމުގެ އެއް މަސްދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެކަމަށެވެ.



