ހދ. ވައިކަރަދޫގައި 50 ހައުސިން ޔުނިޓްގެ މަޝްރޫއެއް އަންނަ އަހަރު ހިންގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފި އެވެ.
ހދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ވައިކަރަދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި، މަސައްކަތް ފައްޓަވާނެ ކަމަށެވެ.
”މި އަންނަ އަހަރުވެސް އާ މަޝްރޫއުތައް ބައެއް ރަށްރަށުގައި ހިމަނަން ނިންމާފައި މިވަނީ. އެގޮތުން މި ރަށުގައި 50 ހައުސިން ޔުނިޓް ގާއިމް ކުރުމަށް އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ހިމަނައި، މި އަންނަ އަހަރު އެ މަޝްރޫއު ކުރިއަށް ގެންދާނަން.“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ވައިކަރަދޫގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އިއުލާނުކުރެއްވި އެވެ. އެގޮތުން ބަނދަރުގެ މަޝްރޫއު ރައްޔިތުން ބޭނުންވާ ގޮތަށް، ބަނދަރުގައި ހުރި ހުރިހާ މައްސަލައެއް ހައްލުވާނެ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށާއި، ރަށުގައި މޫދަށް އެރޭނެ ތަނަކާއި ފަތާ ޓްރެކެއް ވަކިން ގާއިމްކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރަށުގެ އިތުރު ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ސްކޭޓް ޕާކުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް، މި މަސް ނިމުމުގެ ކުރިން އެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ހާމަކުރެއްވި އެވެ. އަދި ދަނޑުވެރިންނަށް މުދާ އުފުލުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް، ގިނަ ދުވަސްތަކެއް ނުވެ އެ ރަށަށް ޚާއްސަ މުދާ ފެރީއެއް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ރަށުގެ އިންޖީނުގޭގެ މައްސަލައަކީ ވަރަށް ކްރިޓިކަލް މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވައި، މި އަހަރު ތެރޭގައި އެ މައްސަލަ އެއްކޮށް ހައްލުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.



