ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ލުއިބުއިމުގެ ވައްތަރެއް ކަމަށްވާ ”ޑރ ޕެޕަރ“ ނުވިއްކުމަށާއި އެ ތަކެތި ނައްތާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.
އެމްއެފްޑީއޭ އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެމެރިކާގައި އުފައްދާ ޑރ. ޕެޕާގައި، ހުންނަން ޖެހޭ ވަރަށް ވުރެ އިތުރަށް ބެންޒޮއިކް އެސިޑް އިތުރުކަން އެ އޮތޯރިޓީއަށް ފާހަގަވެފައިވާ ކަމަށެވެ. ބެންޒޮއިކް އެސިޑަކީ ސޮފްޓް ޑްރިންކްތަކުގައި ބެކްޓީރިއާ ފަދަ މާއްދާތައް އުފެދުން ހުއްޓުވުމަށް ބޭނުންކުރާ ޕްރެޒަވޭޓިވްއެކެވެ.
އެފްޑީއޭއިން ބުނީ، ޑރ. ޕެޕާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) މެދުވެރިކޮށް އެ އޮތޯރިޓީއަށް އަންގައިފައިވާ ކަމަށެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އުފެއްދުން އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުންނުކުރުމަށް ވަނީ އަންގައިފައެވެ. އަދި ބާޒާރުގައި މިހާރު ހުރި ނަމަ ޑރ. ޕެޕާ ނަގައި، ނައްތާލުމަށް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
އެ އޮތޯރިޓީން ވަނީ 3034213 އާއި 7603204 އަށް ގުޅުމުން މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ލިބޭނެ ކަމަށް ބުނެފައެވެ.



