ގޭންގު ކުށްތަކާ ބެހޭ އައު ގާނޫނުގެ ދަށުން، ކުށްކުރާ ގްރޫޕްތަކުގެ މީހުންގެ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކޮށް، އެ މީހުން ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތް ފަށާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އިއްޔެ އަމަލުކުރަން ފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު ތަންފީޒުކުރުމަށް ފުލުހުންގެ ފަރާތުން ވަރަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
މީގެ ތެރޭގައި ކުށްކުރާ ގްރޫޕްތައް ކަނޑައެޅުމާއި އެފަދަ ގްރޫޕްތަކަށް ނިސްބަތްވާ މީހުންގެ މައްޗަށް މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނެރުމުގެ އިންތިޒާމު ހައި ކޯޓު މެދުވެރިކޮށް ހަމަޖެއްސުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ މަސައްކަތް ހިމެނެއެވެ.
ފުލުހުން ބުނީ، ރާއްޖޭގައި ޖަމާއަތް ހަދައިގެން ކުށްކުރާ ހުރިހާ ގުރޫޕުތަކުގެ ރިޕޯޓްތައް ތައްޔާރުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން، ކުށްކުރާ ގްރޫޕްތަކަށް ކުޑަކުދިންނާއި ޒުވާނުން ރެކްރޫޓްކުރާ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މަސައްކަތުގެ ތެރޭގައި، ކުށްކުރާ ގްރޫޕްތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ހާޒިރީ އިތުރުކޮށް، އެ ސަރަހައްދުތަކުގައި ތިބޭ މީހުން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، އަދި ކުށްކުރުމަށް ބޭނުންކުރާ އަމިއްލަ ތަންތަނަށް ރެއިޑްކޮށް، ބަލައި ފާސްކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެކަމަށް ފުލުހުން ބުނެފައިވެއެވެ.
ގޭންގުތަކާއި ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހެދި މި އައު ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެއެވެ. މި ގާނޫނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.




