ހދ. ވައިކަރަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައިކަރަދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
34 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ.

އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 2،700 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 366 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލުމާއި، 74 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 60 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތްތައް ނިންމުމަށް 330 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށުގެ ބަނދަރަށް އިތުރު ބަދަލު ގެނެސް، މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށް ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ރައްޔިތުން ބޭނުންވާ ގޮތަށް ހުރިހާ މައްސަލައެއް ހައްލުކޮށްދެވޭނެ ކަމަށެވެ.
މީގެއިތުރުން، މި މަޝްރޫޢުގެ ތެރެއިން ރަށުގައި މޫދަށް އެރޭނެ ތަނަކާއި ފަތާ ޓްރެކެއް ޤާއިމުކޮށްދެއްވާނެ ކަމުގެ އުފާވެރި ޚަބަރުވެސް ރައީސް ރައްޔިތުންނާ ހިއްސާކުރެއްވިއެވެ.




