ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފިއެވެ.
މިއީ އެމަނިކުފާނު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 11 ވަނަ ރަށެވެ.
ރައީސް ކުޅުދުއްފުށްޓަށް ޒިޔާރަތްކުރެއްވުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަޙައްދުގައި އެއްވެ، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.
މި ދަތުރުފުޅުގައި ރައީސް، ކުޅުދުއްފުށި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގައި އުމްރާނީ ތަރައްޤީއާ ގުޅުންހުރި ތަފާތު މަޝްރޫޢުތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ކުޅުދުއްފުށި ސިޓީ ޖެޓީގެ މަސައްކަތާއި، މަގު ހެދުމުގެ މަޝްރޫޢުގެ ފޭސް 3ގެ މަސައްކަތް ފެށުމާއި، ބީއެމްއެލްގެ އިތުރު ބްރާންޗެއްގެ ބިންގާ އެޅުން ހިމެނެއެވެ.
މީގެއިތުރުން، ކުނި މެނޭޖުކުރާ މަރުކަޒުގެ ބިންގާ އެޅުމާއި، ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީފްރީކޮށް ބަހައްޓައި ބޮންޑެޑް ޒޯންގެ ޚިދުމަތް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއެކު، ކުޅުދުއްފުށި ސިޓީ އެއަރޕޯޓް ޕެސެންޖަރ ޓަރމިނަލް އެކްސްޓެންޝަންގެ މަސައްކަތްވެސް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



