ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
”މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުސޫލު“ ގެ ނަމުގައި އުސޫލެއް އާންމުކުރީ މިމަހުގެ 19ވަނަ ދުވަހުގައެވެ. އަދި މިހާރު ވަނީ އެ އުސޫލުގެ ދަށުން އެހީއަށް އެދުމުގެ ފުރުސަތު ހުޅުވައިލާފައެވެ.
މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ބުނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 27 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެހީއަށް އެދި ހުށަހެޅޭނީ މިކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި އުސޫލުގެ ދަށުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ 3 ޕޭމަންޓަކަށް ބަހާލައިގެންނެވެ. ނަމަވެސް މި އަހަރު 1 ޕޭމަންޓުގެ ގޮތުގައި ފައިސާ ދިނުމަށް ރައީސް މުޢިއްޒު ވަނީ ނިންމަވާފައެވެ.
މި އުސޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށްޓަކައި ފުރިހަމަ ވާން ޖެހޭ އެންމެ މުހިންމު އެއް އަސާސަކީ، އެ މީޑިއާއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއެއް ކަމަށް ވުމާއި، އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވުމެވެ.
މެދުނުކެނޑި ހިދުމަތް ދޭތާ 3 އަހަރު ވެފައި ވާނަމަ ކޮންމެ މީޑިއާއަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ގްރާންޓަށް ކުރިމަތިލުމަށްޓަކައި ފުރިހަމަވާން ޖެހޭ ޝަރުތުތައް:
° އާންމުންނަށް އެ މީޑިއާއަކާ މުޢާމަލާތް ކުރެވޭނެ ގޮތެއް އޮތުން
މީޑިއާގެ ކޯޑް އޮފް އެތިކްސް އާއި ކޮންޑަކްޓް ޝާއިއު ކޮށްފައި އޮތުން
° ޓެކްހާ ގުޅޭ ގޮތުން އަދާ ކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ދިޔުން
° ޕެންޝަން ސްކީމަށް ފައިސާ ދައްކަމުން ދިޔުން
° އެ މީޑިއާއެއްގެ މުވައްޒަފުންގެ މުސާރައާ ގުޅޭ މުޢާމަލާތްތައް ހިންގަމުން ދަނީ ބޭންކެއް މެދުވެރި ކަމުގައިވުން




