ދިވެހި ފިލްމު ”ޕަރީ“ ގެ ޕޯސްޓަރ ޑިޒައިން ކުރުމުގެ މުބާރާތެއް ހުޅުވާލައިފިއެވެ.
ޕަރީގެ ޓީމުން ބުނީ މިމުބާރާތަކީ އެންމެންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.
އެގޮތުން މިމުބާރާތުން އެއްވަނައަށް ހޮވޭ ޕޯސްޓަރަކަށް އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ދޭން ނިންމާފައިވެއެވެ.
މި މުބާރާތް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން، މި އަހަރުގެ އޮކްޓޯބަރު މަހުގެ 15 ގެ ނިޔަލަށް ކަމަށާއި ޑިޒައިން ކުރާ ޕޯސްޓަރުތައް ހުށަހަޅާނީ ޕަރީގެ އިންޓަގްރާމް އަދި ފޭސްބުކް އެކައުންޓްތަކަށް ޕޯސްޓްކޮށްގެން ކަމަށް ޕަރީގެ ޓީމުން ބުނެއެވެ.
މި މުބާރާތާ ގުޅޭ ގަވައިދާއި އިތުރު މައުލޫމާތު ޕަރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފެންނަން ހުންނާނެއެވެ.
އޮކްޓޯބަރު 15ގެ ނިޔަލަށް ހުށަހަޅާ ޕޯސްޓަރުތަކުގެ ތެރެއިން ޕަރީގެ ޓީމުން ޖަޖްކޮށްގެން ހޮވާ އެންމެ މޮޅު ފަސް ޕޯސްޓަރު، ޕަރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕޯސްޓްކޮށް ބެލުންތެރިންގެ ވޯޓަށް ހުޅުވާލާނެ ކަމަށާއި އެއްވަނައަށް އަންނަ ޕޯސްޓަރަކަށް ހޮވާނީ އެންމެ ގިނަ ލައިކްސް ލިބޭ ޕޯސްޓަރެއް ކަމަށް ޕަރީގެ ޓީމުން ބުނެފައިވެއެވެ.
މި މުބާރާތުން އެއްވަނައަށް އަންނަ ޕޯސްޓަރު އިއުލާން ކުރުމާއި އިނާމް ދިނުން އޮންނާނީ ޑިސެމްބަރު 1، 2025 ވަނަ ދުވަހު، ”ޕަރީ“ ފިލްމުގެ ރަސްމީ ޓްރެއިލާ ލޯންޗް ކުރާ ހަފްލާގައެވެ.



