މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން“ގެ ބިލު އިޞްލާހު ކުރެވިދާނެ ކަމަށާއި، ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލު ނުކުރައްވާކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، މި ބިލުގެ މައިގަނޑު ބޭނުމަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުން ކަމަށެވެ.
އަދި މިއީ ކުރީގެ މަޖިލިސްތަކުންވެސް ކުރަން އުޅުނު މަސައްކަތެއްކަން ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔެކިޔުންތަކުން ހާމަވާކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވީ، މިހާރު ހުށައަޅާފައިވާ ބިލު ދިރާސާކޮށްގެން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ގެނެވިދާނެކަމަށެވެ. ނަމަވެސް ބިލު އަނބުރާ ގެންދަންޖެހޭކަމަށް ޤަބޫލެއް ނުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބިލާ ގުޅޭގޮތުން ކުރިއަށް އޮތްތަނުގައި ކަމާގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް ދިރާސާކުރައްވާނެކަމަށާއި، އޭގެ އަލީގައި ބިލަށް ގެންނަންޖެހޭ އިޞްލާހުތައް ގެނެވިދާނެކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.



