ރައީސް ޑރ. މުހައްމަދު މުލިއާގެއަށް ވަޑައިގަންނަވަނިކޮށް ފަހަތްޕުޅުން ގޮސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުގެ ކަންބޮޑުވުންތައް ހިއްސާކޮށް ބައެއް ނޫސްވެރިން އެމަނިކުފާނަށް ކުރީ ފުރައްސާރަކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ، ހައްގުތައް ހޯދުމަށް ނުކުތް ބައެއް ނޫސްވެރިން ދައުލަތުގެ އެންމެ މަތީ ވެރިޔާއަށް މިފަދައިން ފުރައްސާރަކުރުމަކީ ރަނގަޅު ކަމެއްތޯ ސުވާލު އުފައްދަވާފައެވެ.
އަދި މިއީ ހައްގުތަކަށް ވަކާލާތުކުރާ ބައެއްގެ އުޅުން ހުންނަންވާނެ ގޮތްތޯވެސް ސުވާލުކުރައްވާފައިވެއެވެ.
”ދައުލަތުގެ މުޅި ނިޒާމް ރެގިއުލޭޓް ކުރަންޖެހޭ ކަމަށް ވަކާލާތު ކުރާއިރު، ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން ބައެއް ފަރާތްތަކުން އެކިއެކި މީސް މީހުންނާ އާއިލާތަކުގެ އަބުރު ކަތިލާ، ނަފްސާނީ އަނިޔާ ކުދި ދަރިންނަށް ދޭއިރު އެއީ ޙައްދެއް ޙުދޫދެއް ނެތް ކަމެއްގެ ގޮތުގައި ހަމަ ބާއްވާނީތޯ؟“ މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.
މިނިސްޓަރު ހަލީލު ވަނީ ނޫސްވެރިންނަށް ނޫސްވެރިކަން ރެގިއުލޭޓްކުރެވޭނެތޯ ސުވާލު އުފައްދަވާފައެވެ.
މިއަދު ރައީސްއާއި އެކު ބޭއްވުނު ބައްދަލުވުމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ މީޑިއާ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މިއީ މީޑިއާ ޕްރޯ ސަރުކާރެއް ކަމަށާއި، ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށެވެ.
އަދި ބިލުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ މާއްދާތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.



