ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް، އޭނާގެ ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދައިފިއެވެ.
މި ވާހަކަތައް އުފެދިފައިވަނީ ސެލީނާ މިއަދު އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކަކާ ގުޅިގެންނެވެ.
އުމުރުން 33 އަހަރުގެ ސެލީނާ، އޭނާގެ ލޯބިވެރިޔާ އަދި މިޔުޒިކް ޑިރެކްޓަރ ބެންޖަމިން ޖޯސެފް ލެވިން (ބެނީ ބްލާންކޯ) އާ އަންނަ މަހު ކައިވެނި ކުރަން އުޅޭތީ، އޭނާގެ ގާތް އެކުވެރިންނާއެކު ވަނީ ”ބެޗްލޮރެޓް ޕާޓީ“ އަަކަށް އެއްވެ، އުފާވެރި މަޖާ ވަގުތުތަކެއް އެކުވެރިންނާއެކު ހޭދަކޮށްފައެވެ.
ކާބޯ ސެން ލޫކަސްގައި ހޭދަކުރި އެވަގުތުތަކުގެ ބައެއް ފޮޓޯތައް ސެލީނާވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.
އޭގެތެރެއިން ގިނަ ބައެއްގެ ނަޒަރު ހުއްޓުނީ 7ވަނަ އަށް އިން ފޮޓޯއަށެވެ. އެ ފޮޓޯއިން ފެންނަނީ މާބަނޑު އަންހެނެއްގެ ބަނޑުގައި އެހެން މީހުން އަތް އަޅައިގެން ތިބި މަންޒަރެވެ. އެއީ ސެލީނާގެ ބަނޑުކަމެއް ނުވަތަ އެތަނުގައި ހުރި އެހެން އަންހެނެއްގެ ބަނޑުކަމެއް ކަށަވަރުވެފައެއް ނުވެއެވެ. ނަމަވެސް ސެލީނާ އެ ފޮޓޯ ހިއްސާކޮށްފައި ހުރުމުން، އޭނާ ބަނޑުބޮޑުކަމަށް ގިނަ ބަޔަކު ޝައްކު ކުރެއެވެ.
ޝައްކުތައް މިހެން ހުރިނަމަވެސް، ސެލީނާ ވަނީ އޭނާގެ ސިއްހީ މައްސަލައެއް ހުރުމުގެ ސަބަބުން ދުވަހަކުވެސް ބަލިވެ ނުއިނދެވޭނެކަމަށް، މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައެވެ. އަދި އެއީ އޭނާ ވަރަށް ބޭނުންވާ ކަމެއް ކަމަށާއި ނަމަވެސް އެކަން ކޮށްފިނަމަ، އޭނާއާއި ބަނޑުގައި އޮންނަ ދަރިފުޅުގެ ފުރާނައަށް ނުރައްކާ ވެދާނެކަމަށް ސެލީނާ ބުނެފައިވެއެވެ.



