އިންޝުއަރެންސްއާބެހޭ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިއްޔެ ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، 18 އޮގަސްޓު 2025 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ސަރުކާރުން މިފަދަ ބިލެއް ހުށަހެޅުއްވުމުގެ މަޤްސަދަކީ، ދިވެހިރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމުގެގޮތުން، އިންޝުއަރެންސް ކުންފުނިތަކާއި އިންޝުއަރެންސް އިންޓަރމީޑިއަރީންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސް ދިނުމާގުޅޭ އުސޫލުތަކާއި، އެ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް އިންޝުއަރެންސް ވިޔަފާރިއާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމްކުރުމެވެ.
އިންޝުއަރެންސް ވިޔަފާރިކުރުމާގުޅޭ އާންމު ހަމަތަކާއި، އިންޝުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސާގުޅޭ ކަންކަން މި ބިލުގައި ހިމަނުއްވާފައިވެއެވެ. އަދި އިންޝުއަރެންސް ކުންފުނީގެ މެނޭޖްމަންޓް އޮންނަންވީ ގޮތާއި، ހަރުދަނާ އަދި ރައްކާތެރި ގޮތުގައި އިންޝުއަރަންސް ވިޔަފާރި ހިންގުމާގުޅޭ އުސޫލުތައްވެސް މި ބިލުގައި ބަޔާން ކޮށްފައިވެއެވެ.
ބިލުގައި ހިމެނޭ އިތުރު ކަންކަމަށް ބަލާއިރު، އިންޝުއަރެންސް ހިދުމަތް ދިނުމުގެ އުސޫލުތަކާއި ހަމަތައް ބަޔާންކުރުމާއި، އިންޝުއަރެންސް އިންޓަރމީޑިއަރީންއާ ގުޅުންހުރި އުސޫލުތައް ހިމަނާފައިވެއެވެ. ހަމަމިއާއެކު ރެކޯޑް ބެލެހެއްޓުމާއި ރިޕޯޓު ހުށަހެޅުން، އަދި އޮޑިޓްކުރުމާއި، އިންސްޕެކްޝަން ހިންގުމާއި، މާލީ ޙާލަތު ބެލުމާ ގުޅުންހުރި ހަމަތަކާއި އުސޫލުތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މާކެޓް ކޮންޑަކްޓް އަދި ޑިސްޕިއުޓް ރިޒޮލިއުޝަން ހަމަތަކާއި، ކޮންޓްރޯލް ނެގުމާއި އެޑްމިނިސްޓްރޭޓަރ އައްޔަނުކުރުން، އަދި ފިޔަވަޅު އަޅަންޖެހިއްޖެ ހިނދެއްގައި އަމަލުކުރާނެ ގޮތުގެ ހަމަތަކާއި އުސޫލުތައްވެސް ބިލުގައި ހިމަނާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ، މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމާއެކު، ”އިންޝުއަރެންސްއާބެހޭ ޤާނޫނު“ އަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.




