ސިނަމާލެ ބްރިޖަކީ ދެ ޤައުމެއްގެ ދެމެދު އޮތް ވަރުގަދަ ގުޅުމެއްގެ ވަރަށް ފުރިހަމަ މިސާލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޗައިނާ ސަރުކާރުގެ އެހީގައި ބިނާކުރި ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވިތާ 7 އަހަރު ފުރުން ފާހަގަކުރައްވައި، މީސް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ސިނަމާލެ ބްރިޖް މަޝްރޫޢުއަކީ ރާއްޖެ ކުރިއަރައި ދިއުމުގައި ހުޅުވުނު ވަރަށް މުހިންމު ދޮރޯއްޓެއްކަމަށެވެ.
މިއީ ދިވެހިރާއްޖެއާ ޗައިނާއާއި ދެމެދު އޮތް އިތުބާރާއި ދެ ޤައުމުގެ ގުޅުމުގެ ވަރަށް ފުރިހަމަ ރަމްޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ތަރައްޤީގެ ޙަޤީގީ ބައިވެރިއެއްގެގޮތުގައި ޗައިނާއިން އޮތްކަން ދައްކުވައިދޭ ރަމްޒެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން މި މަސައްކަތަކީ ދެ ޤައުމުގެ އެކުވެރިކަމާ ގުޅުމާއި، އެއްގައުމުން އަނެއް ޤައުމަށް އޮތް އިތުބާރު ފުރިހަމައަށް ދައްކުވައިދޭ މަސައްކަތެއްކަމަށް ރައީސް މުޢިއްޒުގެ މެސެޖުގައި ވިދާޅުވިއެވެ.
ސިނާމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްގެންދެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނަވައި އެމަނިކުފާނުގެ ފުރިހަމަ ބެއްލެވުމުގެދަށުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ.



