ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިއްޔެ ބޭއްވި ވޯކް-އިން އިންޓަވިއުއަށް ބޮޑު ތަރުޙީބެއް ލިބުނު ކަމަށް އިލެކްޝަން ކޮމިޝަންއިން ބުނެފިއެވެ.
އީސީއިން ބުނިގޮތުގައ، އިއްޔެ ކަލާފާނު ސްކޫލްގައި ބޭއްވި ވޯކް-އިން އިންޓަވިއު އަށް 100 އަށް ވުރެގިނަ މީހުން ވަނީ ފޯމުހުށަހަޅާފައެވެ. އެގޮތުން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ގިނައީ 18 އަހަރާއި 25 އަހަރާ ދެމެދު ޒުވާނުންނެވެ.
އަދި އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ އޮފިސަރުންނަށާއި ސީނިއަރ އޮފިސަރުންގެ މަޤާމަށެވެ.
މިއަދުވެސް ހުޅުމާލެ ފޭސް 2 ގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ވޯކް-އިން އިންޓަވިއު، ހަވީރު 4:00 އިން ރޭގަނޑު 10:00 ކުރިއަށްދާނެ ކަމަށް އީސީއިން ބުނެފައިވެއެވެ.
އިސީއިން ބުނީ، ވޯކް-އިން އިންޓަރވިއުއަށް ހާޟިރުވާއިރު އައިޑީ ކާޑު، ތަޢުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެނައުމުން، ޝަރުތު ހަމަވާ ފަރާތްތަކަށް ފޯމު ހުށަހެމާއި ވަގުތުން އިންޓަވިއުކުރުމާއި ޕްރެކްޓިކަލް ޓެސްޓް ހެދުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައި ކަމަށެވެ.




