ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަތުމުން، އެޤައުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން، އެސް.ސީ.އޯ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ވަޑައިގަތުމުން، ރައީސްއަށް މަރުޙަބާ ދެންނެވީ ޗައިނާގެ މިނިސްޓަރ އޮފް އެމަރޖެންސީ މެނޭޖްމަންޓް، ވާންގ ޒިޔާންގޒީއެވެ.
މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝަންގހުވާ ބައިވެރިވެވަޑައިގެންނެވިއެވެ.
ބެއިޖިންގ ކެޕިޓަލް އިންޓަރނޭޝަނަލް އެއަރޕޯޓުގައިރައ އޮނަރ ގާޑެއް އެރުވުމާއެކު، ސަޤާފީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދެވުނެވެ. މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ބަޔާނުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، އިޤްތިޞާދީ ގޮންޖެހުންތަކާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ.
2001 ވަނަ އަހަރު އުފެދުނު އެސް.ސީ.އޯ އަކީ ޔޫރޭޝިޔާ ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ދިފާޢީ ކަންކަމަށް އަމާޒުކޮށްގެން އުފައްދާފައިވާ ސަރަޙައްދީ ޖަމުޢިއްޔާއެކެވެ.
މި ޖަމުޢިއްޔާގައި މިހާރު 10 މެންބަރު ޤައުމު ހިމެނޭއިރު، ދިވެހިރާއްޖެއަކީ އެސް.ސީ.އޯ ގެ ޑަޔަލޮގް ޕާޓްނަރެކެވެ.




