އެމްޔޫ މަނިކު އަކީ ރާއްޖޭގެ ކުރިމަގާ މެދު ފުންކޮށް ވިސްނެވި ހަރުދަނާ ލީޑަރެއް ކަމަށާއި، އަވަހާރުވުމުން ލިބުނީ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް ވެރިކަން ހިންގާ ޕާޓީ، ޕީއެންސީން ބުނެފިއެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ، ޔުނިވާސަލް އެންޓަޕްރައިސެސްގެ އެއް ހިއްސާދާރު ކޮލިގޭ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ހާލުކޮޅު ދެރަވެ، ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 6:30ގައި، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ވަނީ އަވަހާރަވެފައެވެ.
އެމްޔޫ މަނިކު އަވަހާރުވުމާއި ގުޅިގެން ޕީއެންސީން މިއަދު ފޮނުވި ތައުޒިޔާގެ މެސެޖުގައި ބުނީ އެމްޔޫ މަނިކަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ސަފުން ރާއްޖެ ސަލާމަތްވެ، ރާއްޖެއަށް ފާއިތުވި ބައި ގަރުނެއްހާ ދުވަހުގެ ތެރޭ ލިބުނު ކުރިއެރުމާއެކު ދުނިޔޭގެ ފަގީރު ގައުމުތަކުގެ ސަފުން ނެއްޓި، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ސަފުގައި ބައިވެރިވުމަށް މަގުކޮށްޓަވައިދެއްވި މޭސްތިރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހިދުމަތްތެރިއެއް ކަމަށެވެ.
ފަތުރުވެރިކަން ތައާރަފުކޮށްދެއްވުމުގެ އިތުރަށް ވެސް ރާއްޖޭގެ އިގުތިސާދު ފުޅާކުރުމުގައި މީހުން ބިނާކުރުމާއި އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި، އުމްރާނީ ތަރައްގީ ގެނައުމުގައި އެމްޔޫ މަނިކުގެ ދައުރު ބޮޑު ކަމަށާއި ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަންގެ ހައިސިއްޔަތުން ކުރެއްވި ހިދުމަތްތައް ފާހަގަކުރަން ޖެހޭ ކަމަށް ޕީއެންސީން ބުންޏެވެ.
”އެމަނިކުފާނު އަވަހާރަވުމުން ގައުމަށް ގެއްލިގެންދިޔައީ ހިދުމަތުގެ އަގުހުރި ހަޒާނާއެކެވެ. ރާއްޖޭގެ ކުރިމަގާ މެދު ފުންކޮށް ވިސްނެވި ވަރުގަދަ ހަރުދަނާ ލީޑަރެކެވެ. ގައުމަށް ލިބުނީ ފޫނުބެއްދޭނެ ގެއްލުމެކެވެ. އެމަނިކުފާނުގެ ހިދުމަތުގެ ޒިކުރާ ތާއަބަދަށް ދިވެހިން އާކުރާނެއެވެ.“ ޕީއެންސީން ބުންޏެވެ.
ޕީއެންސީން ބުނީ މި ހިތާމަވެރި ދަނޑިވަޅުގައި، މިއަދު މި ދެކޭ ދިވެހިރާއްޖެ ބިނާކުރެއްވުމުގައި ފަރުދީ ހައިސިއްޔަތުންނާއި ރަސްމީ ހައިސިއްޔަތުން އެމްޔޫ މަނިކު ކުރެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް ޒިކުރާ އާކުރަނީ ޝަރަފުވެރިކަމާއެކު ކަމަށެވެ.
އެމްޔޫ މަނިކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅެއް ކަމަށްވާއިރު، މަޓީގެ ކޯ ފައުންޑަރެއްގެ އިތުރުން، ޔުނިވާސަލް އެންޓަޕްރައިސަސް ލިމިޓެޑްގެ ޗެއާމަންކަން ވެސް ކުރައްވާފައިވެއެވެ.
އެމްޔޫ މަނިކުގެ ޚިދުމަތްތަކުގެ ތެރޭގައި ރާއްޖެއާއި ޔޫރަޕް ގުޅުވުމުގެ މަސައްކަތް ފެށްޓެވުމުގެ ގޮތުން ފުރަތަމަ ފަހަރަށް ޖަރުމަނުގެ ކޮންޑޯ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ތައާރަފުކުރެއްވުން ހިމެނެއެވެ.
އަދި އޭނާގެ އަގުހުރި ޚިދުމަތްތަކަށްޓަކައި 1982 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު އަދި މިނިވަން 25ގެ އާންމު ޚިދުމަތުގެ އިނާމު ވަނީ ލިބިވަޑައިގެންފައެވެ.




