ފުލުހުންގެ ޔުނީފޯމަކީ މަސްއޫލިއްޔަތާއި ޒިންމާތަކާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ މިފަދައިން ވިދާޅުވެފައިވަނީ 40 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ، ފުލުހުންގެ އަސާސީ ތަމްރީން ކޯހުން ދަސްވެނިވުމަކީ މި ދަތުރުގެ ފެށުން ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް ކުރުމަށް ތަމްރީން ފުރިހަމަކުރި ބައިވެރިން މިހާރު ވަނީ ތައްޔާރުވެފައި ކަމަށެވެ.
”މިއީ ތިޔަ ފުލުހުންގެ އަސްލު ދަތުރުގެ ފެށުން. ޔުނީފޯމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ސިފައެއް ނޫން. މިއީ މަސްއޫލިއްޔަތާއި ޒިންމާއާއި އިތުބާރާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާން. މި ނިޝާނަށް އަބަދުވެސް އިޚްލާސްތެރިވާން ޖެހޭނެ،“ ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، ފުލުހުންނަކީ އަބަދުވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާ ބަޔަކަށް ވާންޖެހޭނެ ކަމަށާއި، ރައްޔިތުންގެ އިޙްތިރާމް ހޯދުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރަންވާނެ ކަމަށެވެ.
މީގެއިތުރުން، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ޕްރޮފެޝަނަލްކަމާއެކު ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރުމަށް ސީޕީ އިރުޝާދު ދެއްވިއެވެ.
ސީޕީ ފާހަގަކުރެއްވި ގޮތުގައި ގަޑިއަށް ބޯލެނބުމަކީ ދިވެހި ފުލުހުންގެ ހުންނަންޖެހޭ ވަރަށް މުހިންމު ސިފައެކެވެ. އަދި މި ތަމްރީން ފުރިހަމަކުރި ބައިވެރިން ވާންވާނީ ފުލުހުންގެ އިއްޒަތާއި ގަދަރު ހިފަހައްޓާ ބަޔަކަށް ކަމަށާއި، ފުލުހުންނަކީ މުޖުތަމަޢުގެ ބަލަދުވެރިންގެ ގޮތުގައި ދެކެވޭ ބައެއްކަން ފާހަގަކުރެއްވިއެވެ.


