ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
40 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ ޚިދުމަތަކީ ހިތްވަރާއި ކެރުމާއި، ޤައުމަށް ލޯތްބެއް އޮވެގެން އަދި ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އާދަޔާ ޚިލާފު ވިސްނުމެއް ހުރެގެން މެނުވީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ހިފެހެއްޓުމުގެ މުހިންމު ޒިންމާއެއް އަދާކުރަނީ ފުލުހުންނެވެ.
މި ގޮތުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފިޒިކަލީ ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ދިވެހި ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ރަނގަޅު ގޮތުގައި ބޮޑު ބިޔަ ޕްރޮޖެކްޓެއް މިވަގުތު ރާއްޖޭގައި ހިނގަމުން އެބަދޭ. 100 އަށްވުރެ ގިނަ ރަށަށް ކޮމިޓްމަންޓްދެވި ޕްރޮޖެކްޓްގެ މަސައްކަތްތައް އެކި ހިސާބުތަކުގައި މިވަނީ,“ މިނިސްޓަރު ވިދާޅުވިއެވެ.
އަދި ފުލުހުން ލޯތްބާއި އިޙްތިރާމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.
ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ އިތުރުން، ފުލުހުންގެ ޤާބިލުކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.



