ފާއިތުވި 2024 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.4 އިންސައްތަ އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޮގަސްޓު 30 ވަނަ ދުވަހުގެ ނިޔަލަށް 1,482,668 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
ފާއިތުވި އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 1,355,395 މީހުންނެވެ. މިއަހަރުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލަކު 6,127 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 234,440 ފަތުރުވެރިން އައިސްފައިވާއިރު، އެއީ ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 15.8 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކުރި ރަޝިޔާއިން 176,972 މީހުން އައިސްފައިވާއިރު، އިނގިރޭސިވިލާތުން 133,733 އަދި އިޓަލީން 105,990 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ފަސިންޖަރު ޓާމިނަލް ހުޅުވައި ހިދުމަތް ފެށުމާއެކު، އަންނަ އަހަރު ޖުމްލަ 2.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އެމްއެމްއޭއިން އަންދާޒާކުރެއެވެ.
އަދި މި އަހަރުގެ ފަހު ކުއާޓާގައި ފަތުރުވެރިން އަންނަ މިންވަރު އިތުރުވާނެ ކަމަށާއި، ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކަށް ލިބޭ ކުރިއެރުމާއެކު މި އަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 4.5 އިންސައްތައާއި 5.6 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެ ކަމަށްވެސް އެމްއެމްއޭއިން ލަފާކުރެއެވެ.
އައު ޓާމިނަލުން ހިދުމަތް ދޭން ފެށުމާއެކު، މިހާރު ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ދަތުރުތައް އިތުރުކޮށް، އައު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް ބެލެވެއެވެ.




