ދިވެހިރާއްޖޭގެ އިންޖިނިއަރުންގެ ދުވަސް ކުލަގަދަކޮށް ފާހަކުރުމަށް މުޅިރާއްޖޭގެ ތަޢުލީމީ އިދާރާތަކަށް ޚާއްސަކޮށްގެން އިންޖިނިއަރިންގެ ދާއިރާގެ ކެރިއަރ ގައިޑެންސް ޕްރޮގްރާމްތަކާއި ސައިޓް ވިޒިޓްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމަކީ އިމާރާތް ކުރުމާ ބެހޭ ވުޒާރާއިން އިސްނަންގަވައިގެން ތަޢުލީމީ ވުޒާރާއާއި ދައުލަތުގެ ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ސައިޓްތަކަށް ދަރިވަރުން ގެންގޮސް، އެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ދީފައިވެއެވެ. މިގޮތުން މިހާތަނަށް ތަޢުލީމީ ދާއިރާގެ 28 އިދާރާއެއްގައި މި ޕްރޮގްރާމް ވަނީ ހިންގާފައެވެ. އަދި އިތުރު ޕްރޮގްރާމްތަކެއް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ އެކި ކުންފުނިތަކުން ހިންގި ޕްރޮގްރާމްތަކުގެ ތެރޭގައި، އެމްޓީސީސީން ބޮޑުތަކުރުފާނު މަގު ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސަރަޙައްދަށް ސައިޓް ވިޒިޓެއް ކުރިއަށް ގެންދިޔައިރު، އެމްއޭސީއެލްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށާއި، އެފްޑީސީން ހުޅުމާލޭގެ އަމާން އުދަރެސް ޓަވަރުތަކަށް ސައިޓް ވިޒިޓްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ފެނަކަ ކޯޕަރޭޝަނުން މިހާތަނަށް 23 ސްކޫލެއްގައި ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް ހިންގާފައިވާއިރު، ސްޓެލްކޯއިން ވެސް ކެރިއަރ ގައިޑެންސް ޕްރޮގްރާމްގެ އިތުރުން ޕަވަރ ހައުސްތަކަށް ސައިޓް ވިޒިޓްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އަދި އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސިވިލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ ދަރިވަރުންނަށް މާލެ-ތިލަފުށި ލިންކް ސައިޓް ދައްކާލާފައެވެ.
މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 30 ވަނަ ދުވަހަކީ ރާއްޖޭގެ އިންޖިނިއަރުންގެ ދުވަސް ކަމުގައި ވަނީ ހަމަޖައްސާފައެވެ. މި ދުވަސް މިގޮތަށް ކަނޑައެޅުމުގައި ބަލާފައިވަނީ، ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ ސިނަމާލެ ބްރިޖު އިފްތިތާޙުކުރެވުނު ދުވަހަށެވެ.




