ޝަރުއީ ކޯޓުތަކާއި އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތްކުރުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުޅުވާލައިފިއެވެ.
ޑީޖޭއޭ އިން އާންމުކުރި ސާކިއުލާއެއްގައި ބުނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގައި ހެދުން އެޅުމާ ގުޅޭ ގޮތުން އޮތް މާއްދާ އިސްލާހުކޮށް އަލުން އެކުލަވާލާފައިވާ ކަމަށެވެ.
މީގެ ކުރިން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި އޮތީ، ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް މުއާމަލާތްކުރާ މުވައްޒަފަކީ ކާކުކަން އެނގެން ޖެހޭނެ ކަމަށެވެ. އަދި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅަންވާނީ އެ މުވައްޒަފަކީ ކާކުކަން ރަނގަޅަށް އެނގޭނެ ގޮތަށް ކަމަށް ބަޔާންކޮށްފައިވެ އެވެ.
އެހެންނަމަވެސް، މިހާރު ގެނެސްފައިވާ އިސްލާހާ އެކު މުވައްޒަފުންނަށް މޫނު ބުރުގާ އެޅުމަށް އެއްވެސް ހުރަހެއް ނޯންނާނެ އެވެ.
ނަމަވެސް މަސައްކަތުގެ މާހައުލުގައި އުޅޭއިރު، އެ މުވައްޒަފަކީ ކާކުކަން ކަށަވަރުކުރަން ޖެހިއްޖެ ހާލަތެއްގައި، އެ މުވައްޒަފެއްގެ މޫނު ކޯޓު ނުވަތަ އިދާރާގެ ކަމާ ގުޅުންހުރި އަންހެން މުވައްޒަފަކަށް ދައްކަންޖެހޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.



