ލޯތްބާއި ކުލުނު އާއިލާތަކުގައި ދަމަހައްޓައި ދިނުމުގައި މާމާއިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަހުމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިފަ ކުރައްވައިފިއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިއަދަކީ މާމަ ކާފަ ދުވަސް ކަމުގައިވާތީ، ދުވަހުގެ ތަހުނިޔާ ފޮނުއްވަމުންް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، އާއިލާތަކުގައި ލޯތްބާއި ކުލުނު ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަހުމަތެއް ކަމަށެވެ. އަދި މި އުފާވެރި ދުވަސް ފާހަގަކުރަމުންދާއިރު، ހިތުގެ އިޚްލާސްތެރި ހެޔޮ ދުއާތައް ވަނީ، ދިވެހި ކޮންމެ މާމައަކާއި ކާފަޔަކާއެކުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވެސް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. އެގޮތުން މެޑަމް ސާޖިދާ ފޮނުއްވި މެސެޖުގައި ވިދާޅުވީ، އާއިލީ ގުޅުންތައް ދަމަހައްޓައި، ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާ މުޖްތަމަޢެއް ބިނާކުރުމުގައި ކޮންމެ މާމައަކާއި ކާފައެއްގެ ދައުރު ނުހަނު ބޮޑުކަމަށެވެ. އަދި އެކަމަނާގެ ހިތުގެ އިޚްލާސްތެރި ހެޔޮ ދުއާތަކާއެކު، މި އުފާވެރި ދުވަހުގެ ހެޔޮ އެދުންތައް ދިވެހި މާމައިންނާއި ކާފައިންނަށް ފޮނުއްވާފައިވެއެވެ.



