އެމްޑީޕީގެ ވެރިން ހިންގާފައިވާ ޖަރީމާތައް ހާހުން ކިޔާލަން އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފަލާހު މިހެން ވިދާޅުވީ، ”ލޫޓުވައިފި“ ގެ ނަމުގައި އޮކްޓޯބަރު މަހު އެމްޑީޕީން ބޭއްވުމަށް ރާވާފައިވާ މުޒާހަރާގެ ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
ފަލާޙް ވިދާޅުވި ގޮތުގައި، ބަދަލުގެ ނަމުގައި އެކަނި ފާއިތުވި 5 އަހަރު ތެރޭގައި ގާތް ރަހުމަތްތެރިންނަށް އެމްޑީޕީން 800 މިލިއަން ރުފިޔާ ބަހާލާފައިވާ ކަމަށެވެ. އަދި ކޮވިޑް-19ގެ ދުވަސްވަރު ބޭރު ޤައުމުތަކުން ލިބުނު ހިލޭ އެހީ މިހާރު ހުރީ ރާއްޖެއިން ބޭރުގައި ހުރި އަމިއްލަ އެކައުންޓްތަކުގައި ކަމަށެވެ.
”ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި އެހުރީ ހަމައެކަނި ކަރުދާހުގައި ސޮއިކޮށްލި ގޮތަށް، އެއްވެސް މަސައްކަތެއް ނުކޮށް އެކުވެރި ކުންފުނިތަކަށް އެތައް ސަތޭކަ މިލިއަން ރުފިޔާ ބަހާލާފައި ބައި އަޅާ ގޮތަށް.“ ފަލާޙް ވިދާޅުވިއެވެ.
މުޅިޤަޢުމު އެއްކޮށްދަވާލައިގެންތިބެ ބަލާބަލަ ދައަްކާވާހަކަ ރީއްޗެށްނު! ކޮށްފަހުރިވައްކަންތަށް މިހާރު ބަލަންފަށާތި
ތިއުޅެނީޤަޢުމުހަލަބޮލިކުރަން!އެކަންކަން މަތިޖަހަން އަބަދުތިހެން ޖަރީމާހިންގާފަ ޤަޢުމު ނޮޅާހުސްކޮށްލާފަ އެހެންމީހުންބޮލަށްކަނޑާލެވޭނެކަމަށް ހީނުކުރަށްވާ!ބަދަލުގެ… pic.twitter.com/rtOs91Io3H
— Ibrahim Falah (@IbrahimFalahR) September 2, 2025
ފަލާޙް ވިދާޅުވީ، މިހާރު ޤައުމު މިހާލުގައި ޖައްސާފައި ތިބެ އަދިވެސް އެމްޑީޕީން އުޅެނީ ހިތް ނުފުރިގެން ކަމަށެވެ. އަދި ހުރިހާ ކަމެއް ކޮށްފައި ތިބެ ޤައުމު ހަލަބޮލިކުރަން މަސައްކަތް ކުރަމުންދާ ކަމަށް ފަލާހު ވިދާޅުވިއެވެ.
”ދިވެހި ރައްޔިތުން އެހާ މޮޔައެއް ނޫން. ކުރި ވައްކަންތައް އަރާހަމަކުރާނެ ހެއްކާއެކު އިންތިޒާރު ކޮށްލައްވާ،“ ފަލާޙް ވިދާޅުވިއެވެ.
އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ސަރުކާރާ ދެކޮޅަށް އަންނަ މަހުގެ 3 ގައި މާލޭގައި މުޒާހަރާ ކުރުމަށާއި އަދި އެ މުޒާހަރާތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ފާސްކޮށްފައެވެ.



