ޗައިނާއާ އެކު ރާއްޖެ އިން އެކިދާއިރާތަކުން އިތުރު 11 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރީ ޗައިނާގެ ބެއިޖިންގެ، ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން ބުނީ، މި އެއްބަސްވުންތަކުގެ ތެރޭގައި އިގްތިސާދީ ތަރައްގީއާއި، އުމްރާނީ ތަރައްގީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭ މުހިންމު އެއްބަސްވުންތަކެއް ހިމެނޭ ކަމަށެވެ
މި އެއްބަސްވުންތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ރައީސް އޮފީހުން ބުނެފައިވެއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރެވިފައި މިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް މުއިއްޒު ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.



