މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް މާލެ ސަރަހައްދުގެ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.
މާދަމާއަކީ ކީރިތި ރަސޫލާގެ ޢީދު މީލާދީ ދުވަސް ކަމަށްވުމާއެކު ސަރުކާރު ބަންދު ދުވަހެކެވެ.
އިމިގްރޭޝަނުން ބުނީ، އިމުގަ ޕޯޓަލް މެދުވެރިކޮށް ފާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 24 ގަޑިއިރު ލިބިގެންދާނެ ކަމަށެވެ. އަދި އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅުމާއި، 65 އަހަރުން މަތީގެ ފަރާތްތަކަށް އަދި އެމަޖެންސީ ހާލަތްތަކުގައިވެސް ހެނދުނު 08:30 އިން 14:00 އަށް ޚިދުމަތް ލިބިގެންދާނެއެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި، ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުން ކުރިއަށްދާނީ ހެނދުނު 8:30 އިން 14:00 އަށެވެ. މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަން އޮފީސްތަކުން ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަންބަރު ނެގޭނެއެވެ.
މެޑިކަލް އެމަޖެންސީ ހާލަތްތަކުގައި 9555333 ފޯނު ނަންބަރަށް ގުޅައިގެންވެސް ޕާސްޕޯޓުގެ ޚިދުމަތް މާދަމާ ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ނަމަވެސް މި ޚިދުމަތް ލިބޭނީ ހަމައެކަނި މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަންގެ އޮފީސްތަކުން ކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.



