މިއަހަރުގެ މާލީ ބަޔާނުގައި ހާމަކުރި ފަސް މިލިއަން ރުފިޔާއަށްވުރެ، އަންނަ އަހަރު ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މިއަދު އާންމުކޮށްފައިވާއިރު ފަލާހުއަށް އަހަރެއްގެ ތެރޭގައި އާމްދަނީގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ލިބިފައިވާކަން ވަނީ ހާމަކޮށްފަ އެވެ.
އެގޮތުން މިއަދު އާންމުކުރި ރައްޔިތުންގެ މަޖިލީހުގެ މާލީ ބަޔާނުގައިވާ ގޮތުން، 2024 މެއި 28 އިން 2025 މެއި 27 ގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ މުސާރައިގެ ގޮތުގައި ފަލާހުއަށް 990،000 ރުފިޔާ އާއި، ކުންފުނިން ލިބޭ މުސާރައިގެ ގޮތުގައި 900،000 ރުފިޔާ އަދި ގެދޮރު ކުއްޔަށްދީގެން ކުލީގެ ގޮތުގައި 3،276،000 ރުފިޔާ ލިބިފައިވާކަންވެސް އާންމުކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަންނަ އަހަރު އަދި މިއަށްވުރެ އާމްދަނީ އިތުރުވާނެ ކަމަށެވެ. އަދި އިންނަމާދޫއިން ގަނެފައި ރަޖިސްޓްރީ ބަދަލުވުމުގެ މަރްހަލާގައި 3 ގޯތިއެބައުޅޭ ކަމަށާއި ހުޅުމާލެއިން ގަތް ގޯތި ވެސް އުޅެނީ ރަޖިސްޓްރީ ބަދަލުކުރުމުގެ މަރުހަލާގައި ކަމަށް ވިދާޅުވި އެވެ.
”ވަރަށް ބެލިން މިފަހަރުގެ މާލީބަޔާނަށް ލެވޭވަރަށް ނިންމާލެވޭތޯ، ނަމަވެސް ވާގޮތެއްނުވި.“ ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ މިވާހަކަތައް މިހާކުރިން ހިއްސާކުރީ ފަހަރެއްގައި މިއަންނަ އަހަރުގެ މާލީބަޔާން ނެރޭއިރު ނޫސްވެރިއަކު އާޝޯޚްވެގެން ”ކަނޑަށް ވެޓިދާނެތީ“ ކަމަށެވެ.
މާލީ ބަޔާން ހާމަކުރުމާ ގުޅިގެން ފަލާހު ވަނީ ކުރީގެ ރައީސުންނާއި ފަނޑިޔާރުންނާއި އަދި ޒިންމާދާރު މަޤާމުތަކުގައި ތިބި ފަރާތްތަކުގެ އަނބިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހެޅުން ޤާނޫނީގޮތުން ލާޒިމްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ޤާނޫނުއަސާސީގެ 76 ވަނަ މާއްދާގެ ދަށުން، މަޖިލިސް މެންބަރުން އަހަރަކު އެއްފަހަރު މާލީ ބަޔާން ހުށަހެޅުން ލާޒިމްކުރެއެވެ. އަދި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މެންބަރުންގެ މާލީ ބަޔާން ކޮންމެ އަހަރެއްގެ އޮގަސްޓް 31 ގެ ކުރިން ހުށަހަޅަންޖެހެއެވެ.




