މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު އަސާސީ މުދަލުގެ އަގުތައް އުފުލިފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އިއްޔެ އާންމުކުރި އެސެންޝަލް ކޮމޯޑިޓީސް ޕްރައިޒް އިންޑެކްސްގައިވާ ގޮތުން، އަސާސީ ބާވަތްތަކުގެ އިންފްލޭޝަން ރޭޓް ވަނީ 1.9 ޕަސެންޓަށް އަރާފައެވެ. ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓު މަހު ކާބޯތަކެތީގެ އަގުތައް ވަނީ 1.62 ޕަސެންޓް މައްޗަށް ގޮސްފައެވެ.
ކާބޯތަކެތީގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލިފައިވަނީ މޭވާގެ ބާވަތްތަކުންނެވެ. މިގޮތުން މޭވާގެ އަގުތައް ވަނީ 10.20 ޕަސެންޓް އުފުލިފައެވެ. އަދި ތެލާއި ފެޓްގެ ބާވަތްތަކުގެ އަގުތައް ވަނީ 5.34 ޕަސެންޓަށް މައްޗަށް ގޮސްފައެވެ.
ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ބުއިމުގެ ބާވަތްތަކާއި ރީތިވުމަށް ބޭނުންކުރާ ތަކެތީގެ އަގުތައްވެސް ވަނީ އުފުލިފައެވެ.
ނަމަވެސް ގޭހާއި އެހެނިހެން ހަކަތައިގެ ބާވަތްތަކުގެ އަގުތައް ވަނީ ދަށްވެފައެވެ.



