މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއް ފުރޮޅާލައިފިއެވެ.
ފުލުހުން ބުނިގޮތުގައި، މިއަދު ހިނގި މި ހާދިސާ ހިނގާފައިވަނީ ޕިކަޕުގެ ފުރޮޅު ފަޅައިގެން ގޮސް، ޑިވައިޑާތަކުގައި ޖެހުމުގެ ސަބަބުންނެވެ.
މި ހާދިސާގައި ކޮންޓްރޯލުން ނެއްޓުނު ޕިކަޕު، ކައިރިން ދުއްވާފައި ދިޔަ ކާރެއްގައިވެސް ޖެހިފައިވާ ކަމަށާއި، ނަމަވެސް އެ ކާރަށް މާބޮޑު ގެއްލުމެއް ނުވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ފުރޮޅާލި ޕިކަޕަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައި ކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.




