ތައިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް ބޫމްޖައިތައި ޕާޓީގެ ލީޑަރު އަނުތިން ޗާންވިރަކުލް ހޮވިވަޑައިގެންފިއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ތައިލެންޑުގެ ދުސްތޫރީ ކޯޓުން ވަނީ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޕޭޓޮންގްޓާން ޗިނަވާތު މަޤާމުން ދުރުކޮށްފައެވެ. ޤައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް އައު ބޮޑުވަޒީރެއް ޢައްޔަނު ކުުރުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގައި ސެޕްޓެމްބަރު މަހުގެ 5ވަނަ ދުވަހު ވަނީ ވޯޓު ލައިފައެވެ.
ޗާންވިރަކުލް ބޮޑުވަޒީރުގެ މަޤާމަށް ހޮވިވަޑައިގެންފައި ވަނީ ޤާނޫނުހަދާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
492 މެންބަރުންގެ މައްޗަށް އެކުލެވޭ ޤާނޫނުހަދާ މަޖިލީހުގައި ބޮޑުވަޒީރުގެ މަޤާމު ކަށަވަރު ކުރުމަށް ބޭނުންވާ 247 ވޯޓަށްވުރެ އިތުރު ވޯޓު ހޯއްދަވައި، ޗާންވިރަކުލް ވަނީ 311 މެންބަރުންގެ ތާއީދު ހޯއްދަވާފައެވެ.
ޗާންވިރަކުލްއަކީ ތައިލެންޑުގެ ސިޔާސީ މައިދާނުގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ބޮޑުވަޒީރުގެ ނައިބުކަމާއި، ދާޚިލީ ވަޒީރުކަމާއި، ޞިއްޙަތާބެހޭ ވަޒީރުކަން ކުރައްވާފައެވެ. ކޯވިޑް-19ގެ ދުވަސްވަރު ޞިއްޙަތާބެހޭ ވަޒީރުގެ ގޮތުގައި ހުންނެވީ އޭނާއެވެ.
ވެރިކަންކުރަމުން ދިޔަ ފިއު ތައި ޕާޓީން ހިންގަމުންދިޔަ ގުޅިފައިވާ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮތުމަށްފަހު ޗާންވިރަކުލްގެ ޕާޓީން އެ އިއްތިޙާދުން ވަކިވެފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.
އެއީ އޭރު ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޗިނަވާތުގެ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ ހަލަބޮލިކަން އުފެދުނު ދަނޑިވަޅެއްގައެވެ. އިއްތިޙާދު ބަލިކަށިވާން ފެށުމުން އިއްތިޙާދާ ދުރުވެ، ބޫމްޖައިތައި ޕާޓީން ވަނީ އިދިކޮޅު ޕީޕަލްސް ޕާޓީއާ މަޝްވަރާތައް ކޮށްފައެވެ.
ބޮޑުވަޒީރުގެ މަޤާމަށް ޗާންވިރަކުލްއަށް ތާއީދު ކޮށްފި ނަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ޤާނޫނުހަދާ މަޖިލީސް އުވާލައްވައި ޤަނޫނު އަސާސީ އިސްލާހު ކުރުމަށް ފުރުޞަތު ދެއްވާނެ ކަމަށް ޗާންވިރަކުލް ވަނީ ވަޢުދުވެވަޑައިގެންފައެވެ.




