އެހެން އަހަރުތަކުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު މި ސެޕްޓެމްބަރު މަހު، ރާއްޖެއަށް ވާރޭ ވެހޭ މިންވަރު މަދުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ހާމަކޮށްފިއެވެ.
މެޓް އިން އާންމުކުރި މައުލޫމާތުގައި ބުނެފައިވާ ގޮތުން، އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކުގެ ފިނިހޫނުމިން ހުންނާނީ އާންމުކޮށް ހުންނަ މިންވަރުގައެވެ.
އެހެންނަމަވެސް ދެކުނު ސަރަހައްދުތަކުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މަތިވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މެޓުން މި މަހު ވާރޭވެހޭނެ މިންވަރު ލަފާކޮށްފައިވަނީ 1991 އިން 2020 އާ ދެމެދު ސެޕްޓެމްބަރު މަހު ރާއްޖެއަށް ވިއްސާރަކޮށްފައިވާ މިންވަރަށް ބަލައިގެންނެވެ. މިގޮތުން ދިގު މުއްދަތުގެ ރެކޯޑްތަކަށް ބަލައިގެން ކުރެވޭ އަންދާޒާތަކުން ދައްކާ ގޮތުގައި މި މަހު ވާރޭވެހޭ މިންވަރު މަދުވާނެއެވެ.
މެޓްގެ ރެކޯޑްތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް ރާއްޖޭގެ އުތުރުގެ ސަރަހައްދުތައް ފިޔަވައި އެހެން ހިސާބުތަކަށް ވާރޭވެހުނު މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިއީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ފާހަގަކުރެވޭ ބަދަލުތަކެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.
މޫސުމަށް އަންނަ މިފަދަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމާއި، ފެނުގެ ވަސީލަތްތަކަށް ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މާހިރުން ވަނީ ލަފާކޮށްފައެވެ.



