ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ބޮޑު ނައިޓް މާކެޓެއް މިއަދު ފުވައްމުލަކުގައި ފަށައިފިއެވެ.
”ރަށިބާޒާރޮ“ ގެ ނަމުގައި ބާއްވާ މި ބާޒާރު ބާއްވާތާ މީ ތިންވަނަ އަހަރެވެ.
މި މަހުގެ 5 އިން 12 އަށް ކުރިއަށްދާ މި ބާޒާރުގައި ޖުމްލަ 70 ސްޓޯލް ހިމެނޭއިރު، އޭގެ ތެރޭގައި ކާބޯތަކެތި ވިއްކާ 32 ސްޓޯލާއި އެހެނިހެން ވިޔަފާރިތަކުގެ 38 ސްޓޯލް ހިމެނެއެވެ. ބާޒާރުގައި ތަފާތު ވިޔަފާރިވެރިންނަށް އެމީހުންގެ އުފެއްދުންތައް ވިއްކައި، ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ފުވައްމުލައް ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާ މި ބާޒާރަކީ ތަފާތު ވިޔަފާރިތަކަށް ފުރުޞަތު ހޯދައިދީ، އެކި ވިޔަފާރިތަކާއި ކެފޭތައް އަދި ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކުގެ ވިޔަފާރި މާކެޓް ކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ބާއްވާ ބާޒާރެކެވެ. އަދި ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދިނުމަކީވެސް މި ބާޒާރުގެ މުހިންމު މަޤްޞަދެކެވެ.
ބާޒާރުގެ ޚާއްޞަ ކަމެއްގެ ގޮތުގައި، ކޮންމެ ރެއަކު ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ޤުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްޞަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބާޒާރުގެ އެންމެ ފަހު ރޭ ދޫކުރާ އިނާމުތަކުގެ ތެރޭގައި އެއަރ ބްލޭޑް 125 ބްލެކްއެޑިޝަން ސައިކަލް، ޢުމްރާ ދަތުރު، ދިރާގު ލިމިޓެޑްގެ 12 މަސްދުވަހުގެ ހިލޭ ފައިބަރ ކަނެކްޝަން، ސޯފާސެޓް، ސްޓަޑީ ޓޭބަލް އަދި ވޯޓަރ ޕިއުރިފަޔަރ ފަދަ ބޮޑެތި އިނާމުތައް ހިމެނެއެވެ.
ފާއިތުވި ދެ އަހަރާ ޚިލާފަށް، މިއަހަރުގެ ބާޒާރު ފަރުމާކުރެވިފައިވަނީ ކާނިވަލެއްވެސް ހިމެނޭ ގޮތަށެވެ. އެޑްވެންޗަރ އަޕް އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ބާއްވާ މި ކާނިވަލްގައި ތަފާތު ގޭމްތަކާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ހިމެނޭނެއެވެ.




