އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް (ޑަބްލިއުޑީސީ) ދެމުންދާ ބަޖެޓް ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، މި އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން، ދެ ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ 5 އިންސައްތަ ދެގުނަ ބޮޑުކޮށް، 10 އިންސައްތަ އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފަ އެވެ.
ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން، ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ މަދުވެގެން ފަސް އިންސައްތަ އަންހެނުންގެ ކޮމިޓީތަކަށް ދޭންޖެހެއެވެ. އަދި މި ފައިސާ ކައުންސިލްތަކަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި ކޮމިޓީތަކާ ހަވާލުކުރަންޖެހެއެވެ.
އަންހެނުންގެ ކޮމިޓީތަކަށް ލިބޭ ފައިސާ ބޭނުންކުރަންޖެހެނީ ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށާއި، އެކިއެކި ޕްރޮގްރާމްތައް ހިންގުމަށެވެ. އަދި މި ފައިސާ ހަރަދުކުރެވުނު ގޮތުގެ ރިޕޯޓެއް ކޮންމެ އަހަރަކު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.
މިއަހަރުގެ ކުރީކޮޅު ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ރޯދަ މަހުގެ އެލަވަންސް ދިނުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ގެނެސްފައެވެ.




