ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ތިން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޔަނު ކުރައްވައިފިއެވެ.
މިކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނަށް އައްޔަނު ކުރައްވާފައިވާ ތިން ބޭފުޅުންނަކީ މ. ފަލްކަންގެ، މުޙައްމަދު ނާޞިޙާއި، ދަފްތަރު. ނަންބަރު 1325، ޑޮކްޓަރ ޙުސައިން ފާއިޒް އަދި މ. ވައިޓްބެލް، ޑޮކްޓަރ ދީބާ މޫސާއެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނު ކުރެއްވުމުގެ ކުރިން، ތިން ބޭފުޅުން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ.
ތިން ބޭފުޅުންނަށް ހުވައި ލައިދެއްވީ، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ. އަދި، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިވިލް ސަރވިސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި ތިން މެންބަރުންނާ، އެ މަޤާމަށް އައްޔަނުކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.




