ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ހިންގާ އެއް ޝަރީއަތުގައި ހެކިބަސް ނެގުމުގެ މަރުހަލާ ނިންމާލައިފިއެވެ.
ކޯޓުން މިއަދު ބުނި ގޮތުގައި އެ މައްސަލައިގައި ބާކީ ދެން އޮންނާނީ ތިން އަޑުއެހުމެވެ.
އެގޮތުން ޝަރީއަތް ނިމުމަކާ ގާތަށް އައިސްފައިވަނީ، އެފްއޭއެމްއަށް 2018ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތެވެ.
މި މައްސަލައިގައި ދައުލަތުން ބައްސާމްގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ، ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި އެފްއޭއެމްގެ 10،000 ޑޮލަރުގެ ބޮޑު ބައެއް އޭނާ އާއި އޭނާގެ އަންހެނުންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްސްގެ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށެވެ.
އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު ބޭނުންކޮށްގެން ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދައްކާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޮތީ ބައްސާމްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ތެރެއިން ހެކިބަސް ނުނަގާ ހުރި ހަމައެކަނި ހެކީގެ ހެކިބަސް ނެގުމެވެ. އެގޮތުން މިއަދު ޝަރީއަތަށް ހެކިބަސް ދެއްވީ އެފްއޭއެމްގެ އެކްސްކޯ މެންބަރު އަހުމަދު ޝަކީބް (ޑޮކް) އެވެ.
ޝަކީބް ކޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ބައްސާމަށް މަހުން މަހަށް ދެވޭ އެލަވަންސެއްގެ ގޮތުގައި 3،000 ޑޮލަރު ދިނުމަށް އެފްއޭއެމްގެ އެމަޖެންސީ ކޮމިޓީން ނިންމުމެއް ނިންމާފައިވެއެވެ.
ނަމަވެސް އެ ނިންމުމާ އެއް ގޮތަށް ކޮންމެ މަހަކު ގަވައިދުން ބައްސާމަށް އެ ފައިސާ ޖަމާކުރަމުން ދިޔަ ކަމެއް ނުވަތަ ނުކުރާ ކަމެއް ޝަކީބަށް އެނގިވަޑައެއް ނުގަންނަވައެވެ.
ކޮވިޑް-19ގެ ހާލަތަށް ފަހުގައި ކުރިމަތިވި މާލީ ދަތިތަކުގެ ސަބަބުން ކޮންމެ މަހަކު އެކްސްކޯ މެންބަރުންނަށް ދޭން ޖެހޭ އެލަަވަންސް ގަވައިދުން ދީފައިނުވާކަން ވެސް ޝަކީބް ފާހަގަ ކުރެއްވިއެވެ. އަދި ޝަކީބަށް ވެސް ބައެއް ފަހަރު ދެ މަސް ނުވަތަ ތިން މަހުގެ އެލަވަންސް އެއްފަހަރާ ގަނޑުކޮށް ޖަމާކޮށްފައިވާ ކަމަށާއިއެންމެ ފަހުން ހަތަރު މަސް ގަނޑުކޮށް ޖަމާކޮށްދިންކަން ވެސް ފާހަގަކޮށްފައިވެއެވެ.



